ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރަޝިއާގައި ގާއިމު ކޮށްފައިވާ ޓުއާއޮޕަރޭޓިން ދިވެހި ކުންފުންޏެއް ކަމުގައިވާ ރިސޯޓު ލައިފް ހޮލިޑޭސް އާއި ރެޑްވިންގް އެއާލައިން އާއި ގުޅިގެން މޮސްކޯ އާއި ރާއްޖެ އާ ދެމެދު ސީދާ ފުލައިޓުތައް ފެށުމުގެ ގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރި ކަމާ ގުޅުން ހުރި މައުލޫމާތު އެ އެއާލައިން އޮޕްރޭޓް ކުރާ ޒިއާޓުއާސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ މ. ތޯމަސް ވައިސްވިލާ އާ ވަނީ ހިއްސާ ކޮށްފައެވެ.
އެ ބައްދަލުވުމަށް ފަހު ޒިއާޓުއާސް އާއި ރިސޯޓް ލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާ ގުޅޭ ގޮތުން އެމްއޯޔޫއެއްގައި ވަނީ ސޮއި ކޮށްފައެވެ. ރިސޯޓް ލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ޝާޒްވަލީދު އެވެ. ޒިއާޓުއާސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އެވެ.
އެމްއޯޔޫގައި ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަޝީޔާ މާކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާ އެކު މަރުހަބާ ކިޔަމުން ގެންދާނެ ކަން މިނިސްޓަރު މައުސޫމް ފާހަގަ ކުރައްވައި ދިވެހިރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނާސް ކުރައްވާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ރިސޯޓު ލައިފް އާއި ނޯޑުވިންޑްސް އެއާލައިނާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެން ރާއްޖެއަށް ދަތުރު ފެށުމަށް އެއާލައިންތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާ ލެއްވިއެވެ. ވަކިން ހާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.