އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުން ދިޔަ ރެފިއުޖީ ކޭމްޕެއްގައި ހުރި ވަގުތީ މިސްކިތެއް، އިންޑިއާގެ ފުލުހުންނާއި ކަމާ ބެހޭ މަދަނީ ފަރާތްތަކުން ބިމާ ހަމަކޮށްލާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ސަތަރިއާއި އޮނު ބޭނުން ކޮށްގެން ހަދާފައި ވާ މިސްކިތް ބިމާ ހަމަކޮށްލާފައި ވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 07:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިސްކިތް ހުރި ރެފިއުޖީ ކޭމްޕު އޮންނަނީ ވެރިރަށް ނިއުދިއްލީގެ މަދަންޕޫރު ހާދިރުއޭ ކިއުނު ސަރަހައްދުގައެވެ.

މި ކޭމްޕުގައި ދިރިއުޅެމުން ދަނީ އިންޑިއާގެ އަވަށްޓެރި މިޔަންމާގެ އަސްކަރީ ޖަރީމާތަކުން ސަލާމަތް ވުމަށް އިންޑިއާއަށް ދިރިއުޅުން ބަދަލު ކޮށްގެން އުޅޭ 300 އެއްހާ ރެފިއުޖީންނެވެ. އެމީހުން ބުނި ގޮތުގައި މިސްކިތް ބިމާ ހަމަކޮށްލާފައި ވަނީ، އެކަން އެގޮތަށް ނުކުރުމަށް، ކަމާ ބެހޭ ފަރާތްތަކުގައި އެދެމުން ދަނިކޮށް ކަމަށެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ ރޯހިންޏާއިން ބުނި ގޮތުގައި، އެމީހުން އަޅުކަން ކުރުމަށް ދާނެ އިތުރު ތަނެއް މިހާރަކު ނެތެވެ.

އިންޑިއާގެ ފުލުހުންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލެއް ކަމަށް ވާ ކަލިންދީ ކުންޖު ބުނީ، ހަލާކު ކޮށްފައި ވާނީ މިސްކިތެއް ނޫން ކަމަށާ، ނަމަވެސް އެ ތަނަކީ ފަރުވާ ކުޑަ ގޮތަކަށް ހަދާފައި ވާ ޖިފުޓިއެއް ކަމަށެވެ. އޭނާ ވަނީ އިތުރު ސުވާލަކަށް ޖަވާބު ދާރީ ވުމަށް އިންކާރު ކޮށްފައެވެ.

ސަރަހައްދީ ސަބްޑިވިޝަނަލް މެޖިސްޓްރޭޓް ޕަވީރު ސިންހް ވިދާޅުވީ، މިސްކިތެއް ސުންނާފަތި ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށާ، އޭނާއަކީ ރަސްމީ ބަޔާނެއް ދެވޭ ފެންވަރުގެ ހައިސިއްޔަތެއް އޮތް މީހެއް ނޫން ކަމަށެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި، ރޯހިންޏާ ދަރިކޮޅުގެ 40000 އެއްހާ ރެފިއުޖީން ދިރިއުޅެމުން ދާ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ސައްހަ ލިޔެކިއުންތަކާވެސް ނުލާ ކަމަށް މައުލޫމާތު ލިބެއެވެ.