ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މުޖާޒު އަހްމަދާއި ތަހުމީނު އަހުމަދާއި އަދުހަމް އަހަމަދު ރަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި 4 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި ދެން ހުރި މީހާގެ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހައިދީފައި ވާ ކަމަށެވެ.

އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން ހައްޔަރު ކުރި އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު / މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު / ގއ. ކޮނޑޭ، ފޮޅޭމާ، 32އ އެވެ. 30 ދުވަހުގެ މުއްދަތެއް ދީފައި ވަނީ މި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އަށެވެ.

ޝަރީއަށް ނިމެންދެން ހަތަރު މީހަކު ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލް ހުސާއިން ޝަމީމް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 4 މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.