ޗުއްޓީ ހޭދަކުރަމުން ދާއިރު ސިއްހީ މާހިރުންގެ ނަސޭހަތާއި އިރުޝާދުތައް ހަނދާނުގައި ބެހެއްޓުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ގޮވާލައްވައިފިއެވެ.

މާސްކު އެޅުމަށާއި އަވަސް އަވަހަށް ސެނަޓެއިޒާ ބޭނުން ކުރުމަށާއި ގިނަ ގިނައިން އަތް ދޮވުމުގެ އިތުރުން ބައްދަލުވާ މީހުން ވީހާވެސް މަދު ކުރުމަށް މަބްރޫކު ވަނީ ގޮވާލައްވާފައެވެ.

އަދި ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ އަދާކޮށް، ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

އިއްޔެ ވަނީ މާލެއިން 24 މީހަކާއެކު ޖުމްލަ 169 މީހަކު ޕޮޒިޓިވްވެފައެވެ.

ކޮވިޑް ކޭސްތައް މަދުވަމުން އައުމާ އެކު މިމަހުން ފެށިގެން ސަރުކާރުން ދިން ލުޔާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޗުއްޓީ ހޭދަ ކުރަން ރަށްރަށަށް ގޮސްފައެވެ. މިއީ އަޟްހާ އީދުގެ ބަންދު ކަމުން ގިނަ ބަޔަކު އެއްވެ އީދު ފާހަގަ ކުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ.