މި އަހަރުގެ މިހާތަނަށް 564،228 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މުގުރާލައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 564،228 އެވެ. މިދިޔަ އަހަރު މުޅިއެކު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އަށް ވީ އިރު މި އަހަރުގެ ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެ އަދަދު މި ވަނީ މުގުރާލާފައެވެ. އެގޮތުން މި އަދަދު މުގުރާލައި އިތުރު 8734 ފަތުރުވެރިން މި ވަނީ ރާއްޖެއަށް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެއެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އިގްތިސޯދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ފަށާ ޓޫރިޒަމަށް ބަންދު ކުރި ދޮރުތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުހުޅުވާލައި، ސަރުކާރުން އަންނަނީ ގިނަ ކެމްޕޭންތަކެއް ކުރަމުންނެވެ. މި ކެމްޕޭންތައް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މި ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައެވެ. ރާއްޖޭގެ ޓުރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ، އަދި ތިންވަނައިގައި އޮތީ ޖަރުމަނެވެ.