މައްކާއަކީ މި ބިންމަތީގައި ވާ އެންމެ މާތް ބިމެވެ. އެއީ އެންމެހާ މުސްލިމުންގެ ގިބުލަ ހިމެނޭ މާތްވެގެންވާ ގެފުޅު ހުންނަ ބިމެވެ. ދުނިޔޭގައި ހުރި އެންމެ ބޮޑު މިސްކިތަކީ މަސްޖިދުލް ހަރަމްއެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު ހައްޖުވެ އަދި އެތައް ހާސް ބަޔަކު އުމްރާއަށް ދާ ބިމެވެ.

ގެފުޅު ނުވަތަ ކައުބާ އަކީ އިބްރާހިމް އަލައިހިއްސަލާމް އަދި ދަރިކަލުން އިސްމާއީލް އަލައިހިއްސަލާމް ބިނާ ކުރެއްވި މުގައްދަސް ގިބުލައެވެ. މަސްޖިދުލްހަރަމްގެ މެދުގައި ހުންނަ ގެފުޅަކީ ހުރިހާ މުސްލިމުންގެ ގިބުލައަށް ވާއިރު ހައްޖާއި އުމްރާގައި ގެފުޅު ވަށައިގެން އަބަދާ އަބަދު މުސްލިމުން ތޮވާފް ކުރެއެވެ.

ގެފުޅު ވަށައިގެން ކަނާއަތުން ވާއަތަށް ދާ ގޮތަށް ތޮވާފުގައި 7 ބުރު ހަމަ ކުރާނެއެވެ. ތޮވާފު ފަށާނީ ހަޖަރަލްއަސްވަދު އޮންނަ ކަނުންނެވެ. ތޮވާފު ކުރާ އިރު އެ ހިލައިގައި އަތްލުމަކީ ސުންނަތެއް ވެސް މެއެވެ. ތޮވާފު ކޮށް ނިމުމުން ސޮފާއާއި މަރުވާއާ ދެމެދު ހިނގަން ދާނީ މަގާމް އިބްރާހިމް ކައިރިން ކަނާއަތަށެވެ.

https://youtu.be/jkPtKNpXXM8

މަގާމު އިބްރާހީމް ހުންނަނީ ގާތްގަނޑަކަށް ގެފުޅުގެ ދޮރުކޮޅާ ދިމާވާނެހެން ދާދި ކައިރީގައެވެ. އެއީ ގެފުޅު ބިނާ ކުރެއްވި އިރު އިބްރާހިމްގެފާނު އަރާވަޑައިގެން ހުންނެވި ހިލަކޮޅު ބާއްވާފައި އޮތް ތަނެވެ. ތޮވާފު ކުރަމުން ދާއިރު، ރާނާފައި ހުންނަ ފާރު ކޮޅުގެ އެތެރެ އަކީ ހިޖްރް އިސްމާއީލެވެ. އެ ފާރު ކޮޅު ފެށޭ ގެފުޅުގެ ކަނަކީ އިރާގާ ދިމާވާ ކަނެވެ. ފާރު ކޮޅު ވަށާ ގޮސް ޖެހޭ ކަނަކީ ސީރިއާ އާ ދިމާވާ ކަނެވެ. ދެން ގޮސް ވަށާ ޖެހޭނީ ޔަމަނާ ދިމާވާ ގެފުޅުގެ ކަނެވެ.

ގެފުޅު ސަރަހައްދުގައި އެ ފެނަކުން އެތައް ޝިފާއެއް ލިބޭ ޒަމްޒަމް ފެންވަޅުވެސް ހުރެއެވެ. ޒަމްޒަމް ފެނަކީ އިސްމާއީލްގެފާނުގެ ފައިންފުޅު ދަށުން ނުކުތް ފެން އާރެވެ. ﷲ ގެ އަމުރުފުޅަށް އިސްލާއީލްގެފާނާއި މަންމާފުޅު ހާޖަރު، ގެފުޅު ސަރަހައްދަށް ދޫކުރައްވާ އިބްރާހިމްގެފާނު ވަޑައިގެންނެވުމުން، އިސްމާއީލްގެފާނު ބަޑުހައިފުޅުވެ، ކީތިރިކުރައްވާ، ބިންގަނޑުގައި ފައިންޕުޅުން ޖެއްސެވިތަނުން ނުކުތް ފެންއާރަކީ މިއަދުވެސް އެ ފެންއާރު ހިނގަހިނގާ ހުރި ޒަމްޒަމް ފެން އާރެވެ.

އިސްމާއީލްގެފާނު ކީރިތިކުރެއްވި އިރު ކަންބޮޑުވެވަޑައިގެން ހާޖަރު ދުވެވަޑައިގެންނެވި ގޮތަށް މިއަދުވެސް މުސްލިމުން ސަފާއާއި މަރުވާ ދޭތެރޭގައި އަވަސް ހިނގުމުގައި ނުވަތަ މަޑު ދުވުމުގައި ދިޔުމަކީ ސުންނަތެވެ. ސޮފާއާއި މަރުވާ އޮންނަނީ އިބްރާހިމްގެފާނުގެ މަގާމުގެ ފަހަތުން ތަންކޮޅަކަށް ދާއިރުއެވެ.

ހައްޖުގެ މަނާސިކުތައް އަދި ދަތުރުކުރަން ޖެހޭ މަގުތައް ފެންނަ ޗާޓެއް

މާދަމާ އަކީ މާތްވެގެންވާ ހައްޖު ދުވަހެވެ. ނުވަތަ އަރަފާތް ދުވަހެވެ. ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަހެކެވެ. އަރަފާތް ދުވަހު ރޯދަ ހިފުމީ އިސްވެދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ސައްހަ ހަދީސުން ސާބިތުވެއެވެ.

ކޮވިޑްގެ ހާލަތާ އެކު މިފަހަރު ހައްޖު ވުމުގެ ފުރުސަތު 60،000 މީހަކަށް ސައުދީ ސަރުކާރުން ވަނީ ދީފައެވެ. ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރާ އިރު ހައްޖުގެ އެންމެ މުހިންމު އެއް މަނާސިކަކީ އަރަފާތެވެ. އެއީ ރަސޫލާ ހައްޖަތުލްވަދާއުގެ ހުތުބާ ދެއްވި ބިމެވެ. ހަރަމްފުޅާއި އަރަފާތު ބިމާ ދެމެދު 20 ކިމޯމީޓަރު ހުރެއެވެ. ހައްޖުގެ އަޅުކަމުގައި އެ ދެމެދުން އަންނަ މިނާއަށް ދިޔުމާއި މުޒުދަލިފާއިން އަރަފާތަށް ދިއުން ހިމެނެއެވެ. ހަރަމުން މިނާއަށް ދުރުމިނަކީ 8 ކިލޯމީޓަރެވެ. މިނާއިން މުޒުދަލިފާއަށް 5.4 ކިލޯމީޓަރު ހުންނަ އިރު މުޒުދަލިފާއިން އަރަފާތަށް 9 ކިލޯމީޓަރު ހުރެއެވެ.

އަރަފާތުން އަނެއްކާވެސް ހައްޖާޖީން ދާނީ މުޒުދަލިފާއަށެވެ. އެއަށް ފަހު މިނާއަށް ދާއިރު އެ ދެމެދުން އަންނަ ޖަމްރާއަށް ހިލައުކުމަށް ފަހު ހަރަމްއަށް އެނބުރި ދާނެއެވެ. އަދި ހަރަމަށް ދިއުމުގެ ކުރިން އުޟުހިޔާ ކަތިލުންވެސް ކުރިއަށް ދާނެއެވެ. އެއީ ބޮޑު އީދެކެވެ.

ހައްޖާއި އުމްރާގައި ސުންތަންވެގެންވާ ގިނަ އަޅުކަންތައް ހިމެނެއެވެ. އެއް މަގާމުން އަނެއް މަގާމަށް ދާއިރު ޒިކުރާއި ދުއާތަކުގެ އިތުރުން ތަލްބިޔާ ކިޔުމުގެ އިތުރުން ނަމާދު ކުރުން ފަދަ މުހިންމު އެތައް އަޅުކަމެއް ހިމެނެއެވެ.

މިހާރު ގެފުޅު ސަރަހައްދަށް ގެނެސްފައިވާ ބޮޑު ތަރައްގީއާއި ހައްޖުގެ އަޅުކަން އަދާ ކުރުމުގައި ދަތުރުފަތުރުގެ ފަސޭހައަށް ދުއްވާ އެއްޗެހި ބޭނުން ކުރި ނަމަވެސް އިހުގައި ހައްޖާޖީން 20 ކިލޯމީޓަރު ކަޑައްތު ކުރީ ފައިމަގުގައެވެ.