އިސްލާމް ދިނާށް ފުރައްސާރަ ކުރާ މައްސަލަތަކުގައި ވެސް އޮންނަ އުސޫލުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ މިހާރަކަށް އައިސް ފެންމަތިވަމުން އަންނަ ބައެއް މައްސަލަތަކުގައި ފުލުހުން ފިޔަވަޅު ނާޅާ ކަަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. އެ ގޮތުން ދާދި ފަހުން ދިވެހި އަންހެނަކު ޖިންސު ބަދަލު ކުރި މައްސަލައެއް ފެންމަތިވެ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
ފުލުހުން ބުނީ، އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނާ ހިލާފް ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަތައް ވެސް އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ތަހުގީގުކޮށް އޮންނަ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ވަކި މައްސަލައެއް ތަހުގީގު ކުރުމަށް ނުވަތަ ވަކި މައްސަލައެއް ތަހުގީގު ނުކުރުމަކަށް އެއްވެސް ސިޔާސީ ނުފޫޒެއް ފުލުހުންގެ މައްޗަށް ނެތް ކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި ހުންނަ މެރާކީ ރެސްޓޯރަންޓުގައި ކުރިން މަސައްކަތް ކުރި އަދި ފަހުން ބަޔަކު އިންޒާރު ދިން މައްސަލައެއް ރިޕޯޓު ކުރި އައިމިނަތު އީނާސް ދާދި ފަހުން ވަނީ އޭނާގެ ޖިންސު ބަދަލުކޮށް "ފިރިހެނަކަށް" ވެފައިވާކަން މީސް މީޑިއާގައި އިއުލާން ކޮށްފައެވެ. އީމާން އެޒެކިއެލްގެ ނަމުން މީސްމީޑިއާގެ އެކައުންޓްތައް ބޭނުންކުރާ އީނާސް މި ވާހަކަ ހިއްސާ ކުރި އިރު އޭނާ ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ. އީނާސް "ފިރިހެނަކަށް" ބަދަލުވިކަން އިއުލާން ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
ފިރިހެނުން ހެނދުން އަޅާ ގޮތަށް ހެދުން އަޅާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އީނާސްއަށް ފުރައްސާރަ ކުރަމުންދާ މައްސަލައެއް، 2019 ވަނަ އަހަރު ތެރޭ ފުލުހުން ވަނީ ބަލާފައެވެ. އީނާސްގެ އިންސްޓާގްރާމުން ފެނިގެން ދަނީ ފިރިހެނުން ލާ ކަހަލަ ގަމީހާއި ފަޓުލޫނު ފަދަ ހެދުމުގައި ނަގާފައިވާ ގިނަ ފޮޓޯތަކެކެވެ. އޭނާގެ އެފޮޓޯތަކަށް ގިނަ ބަޔަކު ތައުރީފުކޮށް އެ ސްޓައިލް އޭނާއާ ވަރަށް ގުޅޭ ކަމަށް އިންސްޓަގްރާމްގައި ބުނަމުން ދިޔަ ނަމަވެސް ފިލްމް ފެސްޓިވަލް އެވޯޑް ހަފްލާގައި ނޫކުލައިގެ ސޫޓެއް ލައިގެން އީނާސް ހުރި ފޮޓޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައީ ފިރިހެން ވައްތަރަށް ހެދުން އަޅާތީ ކަމަށް ބުނެއެވެ.
މި ފާޑުކިޔުންތައް އިތުރުވެގެން ދިޔުމުން އީނާސް ހެދުން އަޅާ ގޮތް ކަމުދާކަމަށް ވާނަމަ "#ސޫޓްސްމީ" ޖަހާ ސޯޝަލް މީޑިއާގައި އޭނާ ކެމްޕޭނެއް ފެށިއެވެ. އަދި އޭނާ ކުރިން މަސައްކަތް ކުރި ކެފޭގެ ބިއްލޫރިގަނޑުވެސް ބަޔަކު ތަޅާލިއެވެ.
މެރާކީ ރެސްޓޯރަންޓްއަށް ގެއްލުން ދިން މައްސަލައެއް ހިނގާފައި ވަނީ 2019 ވަނަ އަހަރު ފަހުކޮޅުގައެވެ. އެ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖަހާ ބިއްލޫރިގަނޑު ތަޅާލާފައި ވާއިރު އެ ކެފޭގައި ވަނީ އިންޒާރުގެ ނޯޓުކޮޅެއް ވެސް ތަތް ކޮށްފައެވެ. އެ ކަރުދާސްކޮޅުގައި ލިޔެފައި އޮތީ "އަންހެނުން ފިރިހެން ނުވައްޗޭ. އަދި ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.
ޢެފަދަ މައްސަ ބަލާކަމާށް ޕޮލިހުން ބުނިނަމަވެސް އެކަން ކުރާކަން ހާމަވެފައި ނުވޭ!!
"ދުނބުރިއެއް ކިތަންމެ ވަރަށް ދޮންކުރިޔަސް ދޮން އަނބަކަށް ނުވާނެ." ދިވެހި ހަރުބަހެއް.