ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ޒިޔާރަތް ކުރަން ދާ މީހުންނަށް ޖަލަށް ޒިޔާރަތްކޮށް ބައްދަލު ކުރުމަށް ހާއްސަ އުސޫލެއް ކަރެކްޝަނުން ކަނޑައަޅައިފިއެވެ.
މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން އެކުލަވާލި އާންމު އުސޫލުގައި ބުނެފައި ވަނީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އާއިލާ މެންބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލު ކުރެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅައިފައިވާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިތާ 14 ދުވަސް ހަމަވުމުން ކަމަށެވެ. ހަމައެއާއެކު ޖަލަށް ޒިޔާރަތް ކުރާ ދުވަހު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ވެސް ކަރެކްޝަނަށް ހުށަހަޅަން ޖެހޭ ކަމަށް ބުނެއެވެ.
މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަ ވެފައިވާ މީހަކު ނަމަ ކޮވިޑް ޖެހުނު ދުވަހުން ފެށިގެން 60 ދުވަސް ނުވާކަން އަންގައިދޭ ލިޔުމުގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޖަލަށް ޒިޔާރަތްކުރާ ނަމަ އެކުއްޖާގެ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ވާނެއެވެ.
އާއިލާ ބައްދަލުވުމަށް ހުއްދަ ދެވޭނީ އެއްފަހަރާ ގިނަވެގެން އާއިލާގެ ފަސް މެންބަރުންނަށް ކަމަށާއި އެ ފަސް މެންބަރުން ގުނާނީ ބައްދަލުވުމުގައި ބައިވެރިވާ ކުޑަކުދިން ވެސް ހިމަނައިގެން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ. ގާނޫނީ ވަކީލު ބައްދަލުވުމަށް ހުއްދަ ދެވޭނީ ގިނަ ވެގެން އެއްފަހަރާ ތިން ވަކީލުންނަށް ކަމަށް އެ އުސޫލުގައި ބުނެއެވެ.
ގައިދީން ނުވަތަ ބަންދުގައި ތިބޭ މީހުންނާ އެކު ބައްދަލުވުން ހިނގާ ވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އެޅުމާއއެކު ގައިދުރުކަން ބަހައްޓަން ވާނެއެވެ. ހަމައެއާއެކު ބޯން ގެންނަ ފެންފުޅި ފިޔަވާ އިތުރު އެއްޗެއް ޖަލު އެތެރެއަށް ވެއްދުމަކީ މަނާ ކަމެކެވެ. އަދި މި އުސޫލާ ހިލާފު ވެއްޖެ ނަމަ އެވަގުތަކުން ފެށިގެން ބައްދަލުވުން މެދުކަނޑާލެވޭނެ ކަމަށާއި ނުވަތަ ދެމަސް ދުވަހުގެ ނިޔަލަށް ޖަލަށް ޒިޔާރަތް ކުރުން މަނާ ކުރާނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.