ގްރޭޓާ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ދުވަހުގެ މަސައްކަތް އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވެ ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކުންފުނިން ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17، 18 އަދި 21، 22 ގައި ކަމަށެވެ. އެގޮތުން އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ފުރަތަމަ ދުވަހުގެ މަސައްކަތް ކޮށްފައިވާ އިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އިއްޔެގެ މަސައްކަތް ފުރިހަމަ ކުރެވުމާއެކު ސްޓެލްކޯއިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާނުވެ، ގްރޭޓާމާލެ ގްރިޑް އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި މިހާރު ވާނީ ފުރަތަމަ ސާކިޓް އެނަޖައިޒް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އޮންނާނީ ހުޅުމާލެ އިންޖީނުގެ އާއި، މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައި ވަނީ އަންނަ ބުދަ ދުވަހުގެ ހެންދުނު8:00 އިން 5:00 އަށެވެ. އެ މަސައްކަތް ކުރިޔަށްދާ އިރު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެއަށް ފަހު އަންނަ ބުރާސްފަތި ދުވަހު ކުރިޔަށް ދާނީ ހުޅުމާލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.

ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.