އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ސާޖިދު ޖާވިދު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

2 ޑޯޒްގެ ކޮވިޑް ވެކްސިން ފުރިހަމަ ކުރައްވާފައި ވާ ސާޖިދު ޖާވިދު ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭ ހެއްދެވި ޕީސީއާރް ޓެސްޓަކުންނެވެ. އޭނާގެ ހަށިކޮޅުން، ބަލީގެ އަލާމާތްތައް ފެންނަމުން ދަނީ ވަރަށް ކުޑަ ކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖާވިދު ކޮވިޑަށް ޓެސްޓު ކުރެއްވީ، ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި މާ ބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވޭތީއެވެ.

ހަބަރު ލިބޭ ގޮތުގައި ހުކުރު ދުވަހުގެ ވަގުތެއްގައި ޖާވިދު ވަނީ، ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ބައްދަލު ކުރައްވާފައެވެ. ބޮޑުވަޒީރަކީ ޖާވިދުގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަވެސް، އެކަހެރިވެވަޑައިގަންނަވާ ކަން ނުވަތަ ނޫން ކަން އަދި ސާފެއް ނުވެއެވެ.

ކަން މިހެން އޮތް އިރު، އިންގްލަންޑްގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސާ ޕްރޮފެސާ ޖޮނަތަން ވެން-ޓާމް ވަނީ، މި އަހަރުގެ ފިނި މޫސުމަކީ ނުރައްކާ ދުވަސްވަރަކަށް ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ދަނޑިވަޅަކީ އިނގިރޭސިވިލާތުން އަނެއްކާވެސް ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. އެ ގޮތުން، ފާއިތުވީ 2 ދުވަހުވެސް އެ ގައުމުން ވަނީ 500000 އަށް ވުރެ މަތިން ކޮވިޑް ކޭސް ރިޕޯޓް ކޮށްފައެވެ. ކުރިއަށް އޮތް ހޯމަ ދުވަހަކީ، ކޮވިޑް ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުގައި ތަންފީޒު ކުރަމުން ދާ ހަރުކަށި ފިޔަވަޅުތަކަށް ފުރިހަމަ ލުއި ދިނުމަށް ކަނޑައަޅާފައި ވާ ދުވަހެވެ.

ކޮވިޑަށް ޕޮޒިޓިވެފައިވާ އިނގިރޭސި ސިއްހަތާ ބެހޭ ވަޒީރު ވަނީ، ވީ އެންމެ އަވަހަކަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ގޮވާލައްވާފައެވެ. އަދި ވަރުބަލިކަން އިހްސާސް ކުރެވޭ މީހުންނާއި ކޮވިޑް ކޮންޓެކްޓުން، ބައްޔަށް ޓެސްޓު ކުރަން ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.