ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 255،280 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 16 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 320،457 މީހުންނެވެ. އޭގެތެރެއިން 255،280 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

17 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 4،446 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 398 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 280 މިހަކާއި އަތޮޅުތެރެއިން 118 މީހެކެވެ.

17 ވަނަ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 4048 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 1671 މީހަކާއި އަތޮޅު ތެރެއިން 2377 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.