ސްރީ ލަންކާގައި އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށި ވިއްކުވުމާއި އަގު ދީގެން އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ، ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ "އައިޑެންޓިފިކޭޝަން ޕެރޭޑް" އަކަށް މިއަދު އަލުން ކޯޓަށް ހާޒިރުކޮށްފިއެވެ.

އައިޑެންޓިފިކޭޝަން ޕެރޭޑަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އެކަމުގައި ހިމެނޭ މީހުންކަން ކަށަވަރު ކުރުމަށް، އަނިޔާ ލިބުނު މީހާ ނުވަތަ ހެކިންނަށް އެ މީހަކު ދެއްކުމެވެ. ކުޑަކުއްޖާ ލައްވާ ހަށިވިއްކުވި މައްސަލާގައި ހިމެނޭ އެހެން ބައެއް މީހުން ވެސް އައިޑެންޓިފިކޭޝަނަށް މީގެ ކުރިން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ މި މައްސަލާގައި އަޝްމަލީ ހައްޔަރު ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ކޯޓަށް ހާޒިރުކޮށް މިއަދުގެ ނިޔަލަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދީ ފައެވެ. އެހެންކަމުން މއިަދުއ ޭނާ ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މި މަހުގެ 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އަޝްމަލީގެ ފަރާތުން ވާހަކަ ދައްކަމުން ވަކީލު ބުނީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ އަމަލެއް ހިންގުން ނޫން ކަމަށެވެ. އަޝްމަލީއަށް ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" އޮންލައިންކޮށް ފައިސާ ދައްކާ ބުކިން ހެދީ ކަމަށާއި ބުކިން ހެދި އިރު އެއީ ކުޑަ ކުއްޖެއްކަން ވެސް އޭނާއަށް ނޭނގޭ ކަމަށް ވަކީލު ބުނެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރި ކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައިގައި ޝާމިލްވި މީހުން އަތުލައިގަތުމަށް މެދުވެރިވީ، އަންހެން ކުއްޖާ ވިއްކަން އިޝްތިހާރެއް ހަދާ ދެ ވެބްސައިޓެއްގައި ޖަހާފައި ވަނި ކޮށް ފެނި އެކަން ކުރި އުމުރުން 35 އަހަރުގެ މީހާ ހައްޔަރު ކުރެވުމުން ކަމަށެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.