ޕާކިން އާ ގުޅިގެން ޖޫރިމަނާ ކުރެވެން ވާނީ އެކަށީގެންވާ ވަރަށް ޕާކް ކުރެވޭނެ ޖާގަ ފަހިކޮށްދިނުމަށް ފަހު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ގެޒެޓް ކުރުމުން އެ ގަވާއިދަށް އާންމުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން 20 ފަހަރު ޖޫރިމަނާ ކުރުމުން 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވާނެއެވެ. އެހިސާބުން އެ ލައިސަންސް ބާތިލުވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އެގޮތަށް ގަވާއިދު ހަދައި ޖޫރިމަނާ ކުރެވޭނީ ޕާކް ކުރެވޭ ވަރަށް ޕާކް ކުރާނެ ޖާގަ ފަހިކޮށް ދިނުމަށް ފަހު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. މާލެ ސީޓީން މާލޭގައި ޕާކިންއަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދެވެން ވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ހަމައެއާއެކު ވެހިކަލް އެތެރެކުރެވޭ ވަރު ކޮންޓްރޯލް ކުރުމައްޓަކައި ބޭނުންވާ މައުލޫމާތުތައް ފޮނުވައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައި ވާނެ ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މާލެއަށް ވެހިކަލް އެތެރެ ކުރެވެޭ ވަރާއި ވެހިކަލް ތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޓްރާންސްޕޯޓުން ރޭ ގެޒެޓްކޮށް މިއަދު އަމަލުކުރަން ފަށާފައިވާ ގަވާއިދުގައި ބުނާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެ ކަމަށެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕަަސެންޓް އުނިވާނެއެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށް ވުރެ އިތުރުވެއްޖެ ނަމަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސް އިން 25 ޕޮއިންޓް އުނިވާނެ އެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށް ވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސް އިން 20 ޕޮއިންޓް އުނިވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.
ގާނޫނު ނުވަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސް އިން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރު ކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސް އިން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެ އެވެ.
ފަހުން އިއުލާން ކުރި ގަވާއިދަށް އަމަލު ކުރަން ފަށަފައި ވާއިރު، ލައިސަން ޕޮއިންޓްގެ 100 ޕޮއިންޓް އުނިވެ ލައިސަންސް ބާތިލް ވެއްޖެ ނަމަ އަލުން ލައިސަންސް ހޯދަން ހުށައެޅޭނީވެސް 180 ދުވަސް ފަހުން ކަމަށް އެ ގަވާއިދުގައި ބުނެއެވެ.
ކަމަނާ އަށް 2 ޑްރައިވަރުންނާ ޕާކިންގ ފްރީ ޒޯން އަދި ގޭގައިވެސް ގަރާޖް އޮތުމުން އަހަރުމެންގެ އިހްސާސް އަދި ސައިކަލުގެ ޒަރޫރީ ކަމުންވެސް ޖެއްސުން ކުރުމަކީ ހިތާމައެއް. ރައްޔަތުންނާ މަޝްވާރާ ކުރުމެއް ނެތި ޒޯނު ނުދައްކައި ފައިސާ އަތުލުމުގެ ކޮން ހައްގެއްތޯ އަތީ ކަމާނާއަށް. މުއިއްޒުވެސް މާހެޔޮއެދޭ މީހެކޯ މިއީ ކުރީގެ 700 ފުލެޓް މެޑަމް ލިސްޓަށް ބަހާލައިފައި.