އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ވޭތުވެ ދިޔަ މަސް ދުވަހުގެ ތެރޭގައި 59 މައްސަލައެއް ހުށަހަޅާއިފައި ވާ ކަމަށް އެ އޮފީުން ބުނެފިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، 59 މައްސައެއް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 13 އިން މި މަހުގެ 13 އާ ދެމެދުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ހައްގާއި، މަސައްކަތްކުރުމުގެ ހައްގާއި، މުދާ ހޯދައި ލިބިގަތުމުގެ ހައްގާއި، އުނގެނުމުގެ ހައްގާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، ޕެންޝަން ލިބުމުގެ ހައްގާއި، ގާނޫނާ ހިލާފަށް ހައްޔަރު ކުރުން އަދި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ހައްގާ ގުޅޭ މައްސަލަތައް ކަމަށާއި އެންމެ މަދުން ހުށަހެޅިފައި ވަނީ ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ މައްސަލަތަކާއި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ކަމަށް އެމްބަޑްސްޕާސަންގެ އޮފީހުން ބުނެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖޫން 13، 2021 އިން އޮގަސްޓް 13، 2021 ގެ ނިޔަލަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭނީ ގާނޫނު ނަންބަރު 28/2020 (އިންތިގާލީ އިންސާފުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ނުވަތަ މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.