ދިވެހިންގެ ތެރޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިން ޖަހައިދީ ނިންމުމަށް ފަހު މި އަހަރުގެ ފަހުކޮޅު ޓޫރިސްޓުންނަށް ވެކްސިން ޖަހައިދޭން "ވެކްސިން ޓޫރިޒަމް" ކެމްޕޭން ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަ ކުރަން އިންޑަސްޓްރީގެ ޕާޓްނަރުންނާ އެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ވެކްސިން ޓޫރިޒަމްގެ ވާހަކަ ދެއްކުން ވީ މިހާލަތުގައި ރާއްޖެއަށް ލިބުނު ބޮޑު އެކްސްޕޯޝާ އަކަށް ކަމަށެވެ. އަދި ރާއްޖެ އަކީ ވެކްސިން ޖަހަން އަންނަ މަންޒިލެއްގެ ގޮތުގައި ފެށުމުގެ މަސައްކަތް މިއަހަރުގެ ފަހު ހަތަރު މަސް ތެރޭ ފެށޭނެ ކަމަށެވެ.

"މިއީ ރާއްޖެ އަށް މި ދަތި ވަގުތުގައި ވެސް ރާއްޖެ އައިދިނީތީ ޝުކުރިއްޔާއޭ ބުނެލަން ވެގެން ފަށާ ޕްރޮގްރާމެއް،"
ޑރ. އަބްދުﷲ މައުސޫމް

ޓޫރިސްޓުންނަށް ވެކްސިން ޖަހަން ފައްޓާނީ ރާއްޖޭގެ ވެކްސިން ޖަހާ އާބާދީއަށް ވެކްސިން ޖަހައި ދީ ނިމުމުން ކަމަށާއި ޓޫރިސްޓުންނަށް ވެކްސިން ޖަހއިދިނުމަކީ ވިޔަފާރި އުސޫލުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވެކްސިން ޓޫރިޒަމް ތައާރަފު ކުރާއިރު ރާއްޖެ އަންނަ "ރިޓަޔާޑް" ނުވަތަ "ޕެންޝަނަރުން" އަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ކޮވިޑް ވެކްސިން ޖަހައި ދެނީ މި ދަތި ދަނޑިވަޅުގައި "ރާއްޖެއަށް އައިސް ދިނީތީ ޝުކުރިއްޔާ" އޭ ބުނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަަށް މައުލޫމާތު ލިބޭ ގޮތުގައި އޮގަސްޓް މަހު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ނިންމާލާނެ. އަޅުގަނޑުމެން ބުނަމުން ދިޔައީ ތިން ވަނަ ކުއާޓަރު ނުވަތަ ހަތަރު ވަނަ ކުއާޓަރުގައޭ ވެކްސިން ޓޫރިޒަމް ފެށޭނީ. މިހާރު ވެކްސިން ލިބުމުގައި އެއްވެސް ތާއްޓެއް ނެތް،"
ޑރ. އަބްދުﷲ މައުސޫމް

މައުސޫމް އިތުރަށް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ 80 ޕަސަންޓް މީހުންނަށް މިހާރު ވެކްސިންގެ ދެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. ކުރިއަށް އޮތް އޮގަސްޓް މަހު ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ނިންމާލޭވޭނެ ކަމަށް ގަބޫލުރައްވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި އެއަށް ފަހު ޓޫރިޒަމް ވެކްސިން ތާށިކަމެއް ނެތި ފެށޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިހާރު ވެކްސިން ލިބުމުގައި ވެސް އެއްވެސް ދަތިކަމެއް ނެތް ކަމަށް މައުސޫމް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އިގްތިސޯދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ފަށާ ބަންދު ކުރި ދޮރުތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލައި، ސަރުކާރުން އަންނަނީ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ގިނަ ކެމްޕޭންތަކެއް ކުރަމުންނެވެ. މި ކެމްޕޭންތައް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މި ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ.