ކުރީގެ ކަރުދާސް ނޫޓު އާ ނޫޓަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައި ވާ ތާރީހަށް ބަދަލެއް ގެނެސްފައިވާ އިރު އަދިވެސް ކުރީގެ ނޫޓު ކަރުދާހުގެ 145 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، ރަން ދިހަ ފަހެއްގެ ނޫޓުތައް ތައާރަފު ކުރި އިރު 2.9 ބިލިއަން ރުފިޔާގެ ކަރުދާސް ނޫޓުތައް ދައުރުވަމުން އައި ކަމަށެވެ. އޭގެތެރެއިން މިހާތަނަށް ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާ ކަމަށާއި ކުރީގެ 145 މިލިއަން ރުފިޔާ ނުލިބޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވަނީ މި މަހުގެ ނިޔަލަށް ކުރީގެ ނޫޓު ކަރުދާސް ބަދަލު ކުރުމަށް ހުށަހެޅޭނެ ކަމަށެވެ. އެމްއެމްއޭ އިން ބުނީ، އެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލި ނަމަވެސް ތާރީހު ބަދަލު ކުރީ ކުރިއަށް އޮތް ދެ ހަފުތާގައި ސަރުކާރު ބަންދު ވާތީ ކަމަށެވެ. އެހެން ކަމުން މިހާރު ކުރީގެ ނޫޓު ބަދަލު ކުރަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 27 ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މި މަހުގެ 21 އަދި 27 ގައެވެ. މި ދެ ދުވަހު އެމްއެމްއޭއަށް ގޮސް އެޕޮއިންޓްމަންޓަކާ ނުލައި ފައިސާ ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ. އެ ކަރުދާހުގެ ގޮތުގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ ޖެނުއަރީ، 26، 2016 ގައެވެ.