ކުރީގެ ކަރުދާސް ނޫޓު އާ ނޫޓަށް ބަދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފައި ވާ ތާރީހަށް ބަދަލެއް ގެނެސްފިއެވެ.

މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވަނީ މި މަހުގެ ނިޔަލަށް ކުރީގެ ނޫޓު ކަރުދާސް ބަދަލު ކުރުމަށް ހުށަހެޅޭނެ ކަމަށެވެ. އެމްއެމްއޭ އިން ބުނީ، އެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލި ނަމަވެސް ތާރީހު ބަދަލު ކުރީ ކުރިއަށް އޮތް ދެ ހަފުތާގައި ސަރުކާރު ބަންދު ވާތީ ކަމަށެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މި މަހުގެ 21 އަދި 27 ގައެވެ. މި ދެ ދުވަހު އެމްއެމްއޭއަށް ގޮސް އެޕޮއިންޓްމަންޓަކާ ނުލައި ފައިސާ ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ. އެ ކަރުދާހުގެ ގޮތުގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ ޖެނުއަރީ، 26، 2016 ގައެވެ.

ދިވެހި ރުފިޔާ / ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައި ވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ރަންދިހައެއްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ހިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކަކީ އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭ ގޮތަށް ފަރުމާކޮށްފައިވާ ނޫތްތަކެކެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނަ އިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ލޮލަށް ނުފެންނަ ފަރާތްތަކަށް އެ ނޫތް ދެނެގަނެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނޫޓުތަކެކެވެ.