އާ ސިޔާސީޕާޓީއެއް އުފައްދަން އެމްއާރުއެމްގެ ކުރީގެ މެންބަރު އަބްދުﷲ ކަމާލުއްދީން އިލެކްޝަން ކޮމިޝަންއަށް ހުށަހެޅުއްވި ފޯމު އެ ކޮމިޝަނުން ބާތިލުކުރުމުން އޭނާ ކަންބޮޑުވުން ފާޅު ކުރައްްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކަމާލުއްދީންގެ ފޯމު ބާތިލުކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް އެފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެއެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާތިލު ފޯމެއް ގޮތަށް މިއަދު ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ކަމާލުއްދީންގެ ހަމަނުވަނީ ކޮން ޝަތުރެއް ކަމެއް އީސީ އަކުން ހާމައެއް ނުކުރެއެވެ.

ދައުލަތުގެ އިސް މާގާމުތަކެއް ފުރުއްވައި އަދި ރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކެއްގެ ކުރީސަފުން ފެނިފައި ވާ ކަމާލުއްދީން، ރަޖިސްޓްރީވެފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ ޕާޓީ، އެމްއާރުއެމް ގައެވެ. އެހެންނަމަވެސް އެ ޕާޓީއިން ވަކިވުމަށް ޖޫން މަހުގެ 24 ވަނަ ދުވަހު ކަމާލުއްދީން ވަނީ އެމްއާރުއެމްއަށް ސިޓީ ފޮނުވާފައެވެ.

އެމްއާރުއެމްއިން ވަކިވުމަށް ކަމާލުއްދީން ފޮނުއްވާފައިވާ ސިޓީ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވެފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އޭނާ އެމްއާރުއެމް އިން ވަކިކޮށްފައި ވާ ކަމަށެވެ. އަދި ބަލަންވީ މިންވަރަށް ނުބަލައި އީސީން ރައްޔިތުންގެ ހައްގު ހިފެހެއްޓުމުން އެކަމާ ހިތާމަ ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ މިމަހު 11 ވަނަ ދުވަހުއެވެ.

އަޅުގަޑަށް ޔަގީން އަޅުގަޑުގެ ޝަރުޠު ހަމަވާކަން. އިތުރަށް އެއްޗެއް ވިދާޅުވެވޭނީ އިލެކްޝަންސް އަށާ އެމްއާރުއެމް އަށް
އަބްދުﷲ ކަމާލުއްދީން

ކަމާލުއްދީނުގެ ޝަތުރު ހަމަނުވާ ކަމަށް އީސީން ކަނޑަައެޅީ އޭނާ އަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޮތް ކަމަށް އީސީގެ ދަފްތަރުން ފެންނާތީއެވެ.

އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކަމާލުއްދީނ އަދިވެސް އޮތީ އެމްއާރުއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.