ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތޫފާނީ ރާޅުތަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާއިން އުފެދުނު ޑެލްޓާ ވޭރިއަންޓް، އިންތިހާއަށް ނުރައްކާވެ، ކޭސް ކޮންޓްރޯލް ކުރާ ޑޮމިނަންޓް ވޭރިއަންޓަކަށް ވަރަށް އަވަހަށް ވެދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ދެއްވައިފިއެވެ.

އެހާމެ ހަލުވިކަމާއެކު އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ވާރުތަކޮށް، ކޮވިޑްގެ ބަލިޖައްސާ މި ވޭރިއަންޓް، މިހާރު ދުނިޔޭގެ 104 ގައުމަކަށް ފެތުރިފައި ވާ ކަމަށް ޓެޑްރޯޒް ވަނީ އިންޒާރު ކުރައްވާފައެވެ. އަދި މުޅި ދުނިޔެ ޑޮމިނޭޓް ކުރާ ވޭރިއަންޓަކަށްވެސް ޑެލްޓާ ވޭރިއަންޓް ވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ. މިއާއެކު ރެކޯޑް އަދަދުތަކުން ޕޮޒިޓިވް ކޭސްތަކާއި މަރުގެ ކޭސްތައް އިތުރު ވެގެންދާނެއެވެ.

ޑރ ޓެޑްރޯޒް ވަނީ، އާބާދީތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ ގައުމުތަކުގެ މަސްރަހު ގޯސްވަމުން އަންނަ ކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް ތިންވަނަ ދުނިޔޭގެ ފަގީރު ގައުމުތަކަށް ނުރައްކާ ބޮޑެވެ.

މިފަދަ އިންޒާރު ދެނިވި ރޫހެއްގައި ޑރ ޓެޑްރޯޒް ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދު 10 ދުވަސް ވަންދެން ދަށްވަމުން ދިއުމަށްފަހު، އެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައި ވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ވަނީ، 4 މިލިއަންގެ ފާހަގަ ހުރަސްކޮށްފައެވެ.