މިއަދު ކޭސްތައް އިތުރުވީ، ތަރައްގީ ކުރަމުން ދާ ރަށްފަޅު ހުރާއިން 60 މީހުން ޕޮޒިޓިވް ވުމުންނެވެ.
އެޗްޕީއޭއިން ބުނީ މިއަދު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ. އެގޮތުން 78 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ޕޮސިޓިވްވެފައިވައިރު ދެވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ތަރައްގީ ކުރަމުންދާ ރަށްފަޅު ހުރާއިން 60 މީހުންނެވެ.
މިދިޔަ ދުވަސްތަކު ކޮވިޑްގެ ކޭސްތައް ވަނީ 100 އަށް ވުރެ ދަށްވެފައެވެ. އިއްޔެ ވެސް މާލެއިން 23 މީހަކާއެކު ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 91 މީހަކެވެ. އެހެންނަމަވެސް މިއަދު 170 މީހަކު ވަނީ ޕްޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 2537 އަށް މަތިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 2497 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 75332 އެވެ. މީހުންގެ ތެރެއިން 72569 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 214 އަށް އަރާފައެވެ.
ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 491 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 61470 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 166 މީހަކު މަރުވެފައެވެ.
ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މި އަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.
ކޮވިޑް ކޭސްތައް މަދުވަމުން އައުމާ އެކު މިމަހުން ފެށިގެން ސަރުކާރުން ލުއިތައް ދިނުމާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޗުއްޓި ހޭދަ ކުރަން ރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ. ސްކޫލްތައް ބަންދުވެފައި ވާ މި ދުވަސް ވަރު ބޮޑު އީދާއި މިނިވަން ދުވަހާ ދިމާވާތީ ރަށްރަށް ދަތުރު ކުރާ މީހުން ގިނަ ވަމުންދާތީ އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ.
ކޮވިޑް ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.