މާލޭގައި ސްޓެލްކޯ އިން ވަގުތީ ޖަނަރޭޓަރުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭ ގޮތަށް ހަމަޖެއްސުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭ ގޮތަށް ހަމަޖެއްސުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.
ޕީއައިއެލްސީ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން އެ މީހުން ނިގުޅައިގެންފައި ވާތީ، ސްޓެލްކޯއިން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އަދި އެ ކުންފުނިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރަން އަމުރުކޮށް ދިނުމަށެވެ. ނުވަތަ އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށް ދިނުމާ އެކު، އެގޮތަށް ބަދަލު ކުރަން ޖެހޭ ނަމަ ލިބޭ ގެއްލުމުގެ ބަދަލަށް ސްޓެލްކޯއިން ޒިންމާ ވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދީ، އެ ޖަނަރޭޓަރުތަކުގެ ސަބަބުން ސިއްހަތާއި އެނޫން ވެސް ގޮތަކަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކު ރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް، ކުދަކުދިންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ވަގުތީގޮތުން ޖަނަރޭޓަރުތަކެއް ބަހައްޓާފައި ވަނީ މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުންދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ. ނަމަވެސް، އެ ޖަނަރޭޓަރުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ އެޗްއާރުސީއެމަށާއި ރައްޔިތުންގެ މަޖިލީހަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭ މައްސަަލައެއް ހުށަހަޅާފައެވެ.
އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސްޓެލްކޯ ކޮށީގައި ބަހައްޓާފައި ހުރި ބޮޑެތި އިންޖީނުތަކުން ކަޅުދުމާއި ތެޔޮ ވަހުގެ އަސަރު އެ ގޭގައި އުޅޭ މީހުންނަށް ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ނޭވާލަން އުނދަގޫވެ، އަޑުގަދަ ވަމުން އެޕާޓްމަންޓުތަކުގެ ދޮރު ހުޅުވާލައިގެން އުޅުމަކީ ބޮލުގެ ރިހުމެއް ކަމަށް ބުނެފައި ވެއެވެ. އިންޖީނުގެތަކުގެ އަޑުގަދަވުމުން އޮންލައިންކޮށް ކިޔަވަން އުނދަގޫވާތީ ކުދިންގެ ތައުލީމަށް ހުރަސް އެޅޭ ކަމަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ. އޭގެ އިތުރުން ނިދަން އުނދަގޫވުމާއި ސްޓްރެސް އިތުރުވުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން ފަދަ ބަލިތައް ކުރިމަތިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެޗްއާރްސީއެމުން އެ މައްސަލަ ބަލައި ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ވަނީ ގެނެސްފައެވެ.
އެ މައްސަލަ ބެލުމަށް ފަހު މިިދިޔަ މަހު އެޗްއާރްސީއެމުން ނިންމާފައި ވަނީ ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ރައްޔިތުން އުޅެނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ނެގުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ވަނީ ވަގުތީ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރަން މި މަހުގެ ނިޔަލަށް މުއްދަތު ދީފައެވެ.
މިކަހަލަ ކަންކަމުގަ އަބަދުވެސް އިސްކަންދޭންޖެހޭނީ މުޅި މުޖުތަމައުގެ މަސްލަހަތަށް
ޢުނދަގޫވާ މީހުން ރައްރަށަށް ދާންވީ ކަރަންޓު ދޭންޖެހޭ އިންޖީނު ބެހެއްޓޭކަށް ނެތް ހަދާނީ ކިހިނެއްބާ.