މިއަދު ޖުމްލަ 91 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 90 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 61 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 7 މީހެކެވެ. ހަމައެއާއެކު މިއަދު 90 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި 91 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 1269 އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 75162 އެވެ. މީހުންގެ ތެރެއިން 72439 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 214 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 492 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 61312 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 166 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މިއަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.

މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނާތީ ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެއްވެ. އެ ގޮތުން މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއު މިއަދުން ފެށިގެން ވަނީ އުވާލާފައެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާލައިގެން އާންމުންނަށް ވަދެ ހިދުމަތް ހޯދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ