ޖުމްހޫރީ ޕާޓީން ވަކިވާން ނިންމީ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވާތީ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ހުށަހެޅުއްވި ސިޓީއާ އެކު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމް އަދި އެ ޕާޓީގެ މެންބަރުން އޭނާއަށް ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ ޖޭޕީން ވަކިވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުުދު ވިދާޅުވީ، ރިޔާޒް ޖޭޕީން ވަކިވެވަޑަިއގަތުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ރިޔާޒް، ޕާޓީ އުފެއްދެވުމުގެ މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާ އެކުގައެވެ.
ނާޒިމް ވަނީ މަޖިލިސް 4 މެންބަރުންނާ އެކު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަން ހާމައެއް ނުކުރައްވައެވެ.
ޖޭޕީގެ މެންބަރުންތަކެއް ސިޔާސީ ޕާޓީ އުފައްދަވާ ވާހަކައަށް ރައްދު ދެއްވަމުން އެ ޕާޓީން ބުނެފައި ވަނީ އެކަމުން ކަންބޮޑު ނުވާ ކަމަށެވެ. ނަމަވެސް ޖޭޕީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން އެފަދަ މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.