ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވާން އުލޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވުމަށް އެދި ސިޓީ ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާ ސިޓީ ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. މިކަމާ ގުޅިގެން އަބްދުﷲ ރިޔާޒްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
އަބްދުﷲ ރިޔާޒް ޖޭޕީން ވަކިވާން ސިޓީ ހުށަހަޅުއްވާފައި މި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައިވާ ކަމަށާއި އޭނާއާ އެކު މަޖިލީހުގެ 4 މެންބަރެއް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ.
ނާޒިމްއާ އެކު އަލަށް އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަންނަވާ މެންބަރުންގެ ނަން ހާމަ ނުކުރެއްވި ނަމަވެސް، ނާޒިމްގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ އަބްދުﷲ ރިޔާޒް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިދިޔަ އަހަރު ތެރޭ ވެސް ނާޒިމް އާއި އަބްދުﷲ ރިޔާޒް ގުޅިވަޑައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވި ވާހަކަ އޭރު އަބްދުﷲ ރިޔާޒް ދޮގުކުރެއްވިއެވެ.
ނާޒިމް އާ ސިޔާސީ ޕާޓީއެއް އުފެއްދަވަން މަސައްކަތް ކުރައްވާތީ އެކަމާ ގުޅިގެން ޖޭޕީން ބުނެފައި ވަނީ އެ ޕާޓީގެ މެންބަރުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އެކަމުގައި ދެރައީ އާ ސިޔާސީ ޕާޓީއެއް އުފައްދާ އިރު، ޖުމްހޫރީ ޕާޓީގައި ތިބެގެން އެ މަސައްކަތް ފެށުން ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.