ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން "ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަމާލުއްދީން ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކިކުރެވިގެން ދިޔަ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަަށާއި އިސްލާމްދީނަށް ނަސްރުދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރިކުރުވުމާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށެވެ.
އެގޮތުން "ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅުއްވާފައިވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
އިތުރަށް ކަމާލުއްދީން ވިދާޅުވީ ޕާޓީއާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަންސްގެ ހުއްދައަށްފަހު ހާމަކުރައްވާނެ ކަމަށެވެ.
ކަމާލުއްދީން މީގެ ކުރީން ހުންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ އެ ޕާޓީ ދޫކޮށްލެއްވީ މިދިޔަ މަހުގެ 29 ގައެވެ.