ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެ މައްސަލަ ހުށަހަޅާފައިވާ ގޮތަށް އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މިހާތަނަށް އެނބުރި ވަޑައެއް ނުގަންނަވައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ.

މިދިޔަ އަންގާރަ ދުވަހު މި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާ ކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ރާއްޖޭގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.