މާލޭގައި ގަލޮޅުގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ގަލޮޅުގައި މާރާމާރިއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

'ދަ ޕްރެސް' އަށް އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދެމުން ބުނީ އެ ސަރަހައްދަށް ސައިކަލުތަކެއްގައި ޒުވާނުން ތަކެއް އައިސް މީހެއްގެ ބޮލަށް ވަޅިޖަހާފައި އެމީހުން ދިޔައީ ކަމަށެވެ. އެމީހާއަށް ވަޅިން ހަމަލާ ދީފައި ވަނީ ގަލޮޅު "ކަރާގޭ ގޯޅި" ތެރެއިންނެވެ.

ވަޅި ޖަހާފައި އެ މީހުން ދިޔަ ފަހުން ޒަހަމް ވި ޒުވާނާ ހިނގާފައި އައިސް "ފަސޭހާ ޕޮއިންޓް 2" ހޮޓަލާ ހަމައިން ބިންމައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހަކު ބުނެއެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން ފަހުން ބުނީ، ކަރާގެ ގޯޅީގައި ދެމީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގީ ކަމަށާއި އަދި ޒަހަމްވި މީހާ ޒަހަމްވީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނޫން ކަމަށެވެ. އަދި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށްވެސް ބުނެއެވެ.

މި ވަގުތު އެ ސަރަހައްދު ބަންދުކޮށްގެން ސިފައިން ދަނީ ތަހުގީގު ކުރަމުންނެވެ.