އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ މެންބަރަކު ހޮވިވަޑައިގެންފިއެވެ.
މިމަގާމަށް ހޮވިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ގާނޫނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމްއިއްޔާގެ އެ ކޮމިޓީއަށް ޖީހާން އިންތިހާބު ކުރަން ވޯޓު ދިން ހުރިހާ ގައުމަކަށް ރައްޔިތުންގެ މަހިލީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޖީހާން އަށް އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަން ލިބިވަޑައިގެންފަިއ ވާ އިރު އޭނާ އަކީ ރާއްޖޭގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖޭގެ މަޖިލިސް މެންބަރުން މިފަދަ މަގާމްތަކުން ފެނިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި ހާއްސަކޮށް އަންހެން މެންބަރަކަށް އެފަދަ މަގާމެއް ލިބިވަޑައިގަތުމަކީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި މިނިސްޓަރު ޝަހިދު ވިދާޅުވިއެވެ.
އައިޕީޔޫ އަކީ 150 އަށް ވުރެ ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސް ހިމެނޭ ޔޫނިއަނެކެވެ. މި ޔޫނިއަންގެ ކޮމިޓީއަކަށް ޖީހާން ހޮވިވަޑައިގަންނަވާފައި ވަނީ އޭޝިޔާ ޕެސިފިކް ގުރޫޕުންނެވެ.
އައިޕީޔޫގެ ކޮމިޓީއަކަށް ޖީހާން ހޮވިވަޑައިގަންނަވާފަައި ވާއިރު އެކި ގައުމުތަކުން އިނގިރޭސިވިލާތަށް އައްޔަންކޮށްފައިވާ އަންހެން ޑިޕްލޮމެޓުންގެ ޖަމްއިއްޔާގެ ރައީސްއަކަށް ޑރ. ފަރަހަނާޒް ފައިޒަލް ވެސް މިދިޔަ ޖޫން މަހު ވަނީ ހޮވިވަޑައިގަންނަވާފައެވެ. މި ދައުރުގައި އެކަމަނާގެ ނައިބު ރައީސް އަކަށް ހުންނަވާނީ ޖޯޖިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ސޮފީ ކަޓްސަރަވާއެވެ.
މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ހޮވިވަޑައިގަންނަވާފައެވެ. ޝާހިދު އެމަގާމު ކަށަވަރު ކުރެއްވީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެއެވެ.