ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް ނުވަތަ ހަމަލާއެއް ލިބިދާނެ ކަމުގެ އިންޒާރުތަކުގެ ސަބަބުން އެމަނިކުފާނަށް ދޭ ސެކިއުރިޓީ މަތިކުރުމުގައި ބަލައި ތްރެޓް ލެވެލް "ސިވިއާ" އިން "ކްރިޓިކަލް" އަށް ބަދަލު ކުރުމުގެ އަސްލު ސަބަބު ސިއްރުކޮށްފައިވާ ކަމަށް 241 ކޮމިޓީން ކުރި އިންކުއަރީ ރިޕޯޓުގައި ބުނެފިއެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ސާފުކުރުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރި އިންކުއަރީގެ ފައިނަލް ރިޕޯޓު އިއްޔެ ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، އެމަނިކުފާނުގެ ތްރެޓް ލެވަލް ކްރިޓިކަލް އަށް ބަދަލު ކުރުމާއި އަދި އެއަށް ފަހުގައި ވެސް އެ ބަދަލު ގެނައި އަސްލު ސަބަބުގެ ތަފްސީލު އެމްއެންޑީއެފުން ކޮމިޓީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގަށް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ހާދިސާ

ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށް ޑިފެންސް އިންޓެލިޖަންސް ސާވިސް (ޑީއައިއެސް) އިން މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު ހުށަހެޅި ލިޔުމަކުން އެނގެން އޮތް ކަަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެ ބަދަލު ގެނެސްފައި ވަނީ ފެބްރުއަރީ 15 ގައި ފޭސްބުކް މެދުވެރިކޮށް މީހަކު "މާތް الله އަށްޓަކައި އަދި ކީރިތި ރަސޫލާ އަށްޓަކައި" މަރާލަން ބޭނުންވާ މީހުން ކަމަށް ބުނެ އާންމު ކުރި ލިސްޓެއްގައި ރައީސް ނަޝީދުގެ ނަން ހިމަނިފައި ވުމުން ކަމަށް ޖޫން 5 ގައި ޑީއައިއެސުން ދިން ލިޔުމުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް ފަރުވާ ހޯއްދަވަނީ / ފޮޓޯ: ނާޝް

ނަމަވެސް އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން އިންކުއަރީގައި ބުނެފައި ވަނީ ތްރެޓް ލެވެލް މަތިކޮށްފައިވަނީ ހަމައެކަނި ފޭސްބުކް ޕޯސްޓަ ގުޅިގެން ނޫން ކަމަށެވެ. އަދި ތްރެޓް ލެވެލް މަތިކޮށްފައި ވަނީ އެނަލެސިސް ހަދާއިރު ބަލަން ޖެހޭ ކަންކަމަށް ބަލައި ލިބޭ ޕޮއިންޓް މަތިވެ ކްރިޓިކަލް ސްޓޭޖަށް ޕޮއިންޓް ދިއުމުން ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ތްރެޓް ލެވެލް މަތި ކުރެވުނު އަސްލު ސަބަބު ސާފު ނުވާ ކަމަށް އިންކުއަރީއަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް އެމްއެންޑީއެފްގެ އެނަލެސިސްގެ "ޓޫލްސް" ތައް ނަޝީދަށް ދެމުން ދިޔަ އިންޒާރުތައް އެނަލައިސް ކުރުމުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައި ބުނެއެވެ.

"އެ ބައްދަލުވުމުގައި ވެސް އަޅުގަނޑުމެންނަށް ސްޕެސިފިކް މައުލޫމާތެއް ޑީއައިއެސްގެ ފަރާތަކުން ލިބިފައެއް ނުއެއް ނެތް ކޮން ސަބަބުތަކާ ހުރެކަން. ދެން އަދިވެސް ތަންކޮޅެއް އަޅުގަނޑަށް ފެންނަނީ، އެ މައުލޫމާތުގެ ވޭގްކަން. ޖުމްލަކޮށް ދެންނެވޭނީ 2 މާޗުގައި ތްރެޓް ލެވެލް އެ ބޭފުޅުންގެ މިންގަނޑުތަކުން އެލިވޭޓް ކުރެވިފައި އޮތް ސަބަބުތައް އަޅުގަނޑުމެންނަކަށް އަދި އެހާ ސާފެއް ނޫން. އަދި އެ މައުލޫމާތު އެހާ ފުރިހަމަ ކޮށެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް"
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

ތްރެޓް ލެވެލް މަތި ކުރި ސަބަބު ދެނެގަތުމަށް ފުލުހުންނާއި ސިފައިންގެ ލީޑާޝިޕް އާ ދެމެދު ބޭއްވި ބައްދަލުވުމަށް ހަވާލާދީ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މާޗް 2 ގައި ރައީސް ނަޝީދުގެ ތްރެޓް ލެވެލް މަތި ކުރި ސަބަބު އޮލުން ފިލުއްވަން މަސައްކަތް ކުރައްވާފައި ވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށާއި އެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިންކުއަރީގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވި ކަމަށް ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ތެރެއިން ތްރެޓް ލެވެލް މަތި ކުރި ސަބަބު ހޯދުމަށް ރިކްއުސްޓް ކޮށް ސިޓީއެއް ހުށަހެޅި ނަމަވެސް އަދި މިހާތަނަށް ވެސް އެ ސިޓީއަށް ވެސް ޖަވާބެއް ދީފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ އެ ރިޕޯޓުގައި ބުނެއެވެ.

ރައިސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ފަރުވާ ހޯއްދަވަމުން އޭޑީކޭގައި ނަގާފައިފައިވާ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިއާ

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ އިންކުއަރީއަށް ފުލުހުން މި މައުލޫމާތު ދީފައި ވަނީ މެއި 21 ވަނަ ދުވަހު ކަމަށެވެ. މެއި 6 ވަނަ ދުވަހު ދިން ހަމަލާގެ ތަހުގީގު ކުރިއަށް ދާ އިރު އެ މެއި 21 ވަނަ ދުވަހާ ހަމައަށް އައި އިރުވެސް ތްރެޓް ލެވެލް މަތި ކުރި ސަބަބު ހާމަކުރުމަކީ ތަހުގީގަށް ލިބޭނެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އެ މައުލޫމާތު ސިއްރުކޮށްފައި އޮތުމަކީ ތަހުގީގަށް އެޅޭ ހުރަހެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ނަޝީދުގެ ތްރެޓް ލެވެލް ފެބްރުއަރީ 15 ވަނަ ދުވަހު މަތި ކުރި ކަމަށް ބުނެފައި އޮތް ނަމަވެސް އެ ކަން އެސްޕީޖީއަށް އަންގާފައި ވަނީ މާޗް މަހުގެ 3 ވަނަ ދުވަހު ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އެސްޕީޖިއަށް މާޗް 3 ގައި އެންގި އިރު އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ލެވެލް މަތި ކުރި ކަމާއި ލިބެމުން ދިޔަ ތްރެޓް ތަކަކީ ކޮބައިކަން އަންގާފައި ނުވާ ކަަމަށް ރިޕޯޓުގައި ވެއެވެ.