ރައީސްގެ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާމީހުން އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިފަދައިން ވިދާޅުވީ މި ސަރުކާރަކީ ކުރަން ޖެހޭ ކަންކަން ކުރުމުގެ "ގަޓް" ނެތް ސަރުކާރެއް ކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން އެދިވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ބޮންޑޭ އެހެން ވިދާޅުވީ މިއަދު ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖީލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގީ ފިނޑި އަމަލެއް ކަމަށެވެ. އެ ބިލަކީ ސަރުކާރުން އެދިގެން މަޖިލީހަށް ހިސާން ހުށަހެޅުއްވި ބިލެއް ކަމަށާއި ނަމަވެސް ފަހުން ސަރުކާރުގެ ބައެއް ބޭފުޅުން "އަޑީގައި" ތިއްބަވައިގެން ބިލާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދިޔައީ ކަމަށް ބޮންޑޭ ވަނީ ވިދާޅުވިއެވެ.

އެވާހަތަކާ ގުޅިގެން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕް ސަރުކާރާ އިދިކޮޅަށް ތެދުވެ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާ ޕާޓީގެ އުސޫލުތަކާ ހިލާފުވާ މެމްބަރުން ވަގުތުން ޕާޓީއިން ވަކިކުރަން ޖެހޭ ކަމަށާއި މީގެ ކުރިންވެސް އެމްޑީޕީއިން މެމްބަރުންނާ މެދު އަމަލުކޮށްފައި ހުރީ އެ އުސޫލޫން ކަމަށެވެ. އަދި މިކަން ނުކޮށްފިނަމަ އިންސާފާ ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނޭ ކަމަށްވެސް ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީ އިން ނެރުނު ތްރީލައިން ވިޕާ ހިލާފުވެގެން ރީކޯ މޫސަ ޕާޓީން ވަކި ކުރިއެވެ. އޭނާ ވަކި ކުރީ ޑިސެމްބަރު 22، 2014 ގައެވެ.

އެ މައްސަލައިގައި އޭރު މޫސަ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީސް ހިނގަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުން އެނބުރޭ ބައެެއްގެ ގޮތުގައި ކަމަށެވެ.