މިދިޔަ މެއި 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ގޮތުން "އިންޑިކޭޓާއެއް" ލިބިފައި ނުވާކަމަށް ތަހުގީގުގައި އެމްއެންޑީއެފުން ބުނި ކަމުގައި ވިޔަސް އެއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައި ބުނެފިއެވެ.
މިއަދު އާންމު ކުރި އެ ރިޕޯޓުގައި ބުނެފައި ވަނީ، މޭ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާ ގުޅޭ ''ސްޕެސިފިކް'' މައުލޫމާތެއް ނުވަތަ އިންޓެލިޖަންސް މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ތަކުރާރުކޮށް ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަހު އައިއީޑީއެއް ގޮއްވާލީ، އެފަދަ ހަމަލާއެށް ދީފާނެކަމުގެ އެއްވެސް އިންޑިކޭޓާއެއް އެމްއެންޑީއެފް އަށް ނުލިބި ކަމަށް އެ އިންކުއަރީއަށް ގަބޫލު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭނެ މިންވަރަށް، ''އިންޑިކޭޓާސް" ނުވަތަ ''ފްލޭގް" ވާންޖެހޭ ޒާތުގެ މައުލޫމާތު ތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެ ގޮތުން 'ފްލޭގް' ވާންޖެހޭ ކަމަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ނަޝީދަށް ތްރެޓް ލިބިފައިވާ ފަހަރުތަކާއި އެމަނިކުފާނަށް ބަޔަކު ފާރަލާކަން އެނގިފައި ވުން ހިމެނެއެވެ. އެކި ފަހަރު މަތިން ރައީސް ނަޝިދު އަވަހާރަކޮށްލާނެ ކަމަށް ބުނެ ކަންކަން ރާވާފައި އެބަހުރިކަމާއި، އެމަނިކުފާނު އަވަހާރަކޮށްލަން ބުނެ 2019 ވަނަ އަހަރު މީހަކަށް 5 މިލިއަން ދީފައިވާ ކަން ވެސް އެމްއެންޑީއެފަށް ވަނީ އެނގިފައި ކަށް އެ ރިޕޯޓުގައި ބުނެއެވެ.
މީގެ އިތުރުން ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ޑިފެންސް މިނިސްޓަރަށް ދެއްވި މައުލޫމާތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެމްއެންޑީއެފަށް ހިއްސާ ކޮށްފައި ނުވާއިރު އެއީ ހަމަލާއެއް ދޭން އުޅޭ ކަމުގެ "ފްލޭގް" އެއް ކަމަށް އެ އިންކުއަރީން ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ، ދުނިޔޭގެ އެކި ތަންތަނުގައި، އިންޓެލިޖަންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި، އަދި އަނެއްބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ ''އިންޑިކޭޓާސް'' ލިބިގެން ވެސް ހަމަލާދީފައި އެބަހުރި ކަމަށެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ''ސްޕެސިފިކް' އިންޓެލިޖަންސް ލިބޭ ބާވަތުގެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ހަމަލާއެއްގެ ކުރިން 'ސްމޯކިން ގަން' އެއް ފެނުމަކީ ނާދިރު ކަމެއްް ކަމަށް ވެސް ބުނެފައި ވެކެވެ. އެގޮތުން އިންކުއަރީއަށް ހާޒިރުވި އެމްއެންޑީއެފް އާއި ފުލުހުންގެ މާހިރުންނާއި އަދި އިންކުއަރީން މައުލޫމާތު ހޯދި އިންޓެލިޖަންސްއާއި އޮޕަރޭޝަނަލް ދާއިރާގެ ތަޖްރިބާ ކާރުންގެ ރައުޔަކީ ވެސް މިއއީ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ތްރެޓް އޮތް ފަރާތެއްކަން އެމްއެންޑީއެފްގެ އަމިއްލަ އެސެސްމަންޓްތަކުން ނިންމާފައިވާ އިރު، އަދި ރައީސް ނަޝީދުގެ ތްރެޓް ލެވެލް ''ސަބްސްޓޭންޝަލް'' އިން ''ސިވިއާ'' އިން އަދި އެއަށް ފަހު ''ކްރިޓިކަލް'' އަށް މަތިކުރި ފަހުން ވެސް އިންޓަލިޖަންސުން ބަލަންޖެހޭނެ މައުލޫމާތުތަކެއް އެމްއެންޑީއެފް އަށް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
މޮޔަ މާރިޔާ މާމަ ބޭރުކުރޭ.