އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 4 މިލިއަންގެ ފާހަގަ ހުރަސްކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު، ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮވިޑް ޖެހިގެން، ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 4018933 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ 621904 މަރާއެކު، އެމެރިކާއިންނެވެ. އެމެރިކާގެ ފަހަތުން ދެން އޮތީ 528611 މަރުގެ ރިޕޯޓާއެކު ބްރެޒީލް އަދި 405057 މަރުގެ ރިޕޯޓާއެކު އިންޑިއާއެވެ.

ފާއިތުވީ 7 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެގެން ރިޕޯޓް ކޮށްފައި ވަނީ ބްރެޒީލުންނެވެ. ބްރެޒީލްއިން މިދިޔަ 7 ދުވަހުގެ ތެރޭގައި މަރުގެ 10365 ކޭސް ރިޕޯޓް ކޮށްފައި ވާއިރު، ބްރެޒީލްގެ ފަހަތުން މި ލިސްޓުގައި އޮތީ 5582 މަރުގެ ރިޕޯޓާއެކު، އަވަށްޓެރި އިންޑިއާއެވެ.

މި ދަނޑިވަޅަކީ، އަވަށްޓެރި އިންޑިއާއިން މި އަހަރުގެ ކުރީކޮޅު ފެންމަތިވި ޑެލްޓާ ވޭރިއަންޓް، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި، ކޮވިޑްގެ ނުރައްކާ، ދުނިޔޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ދަނޑިވަޅެކެވެ. ދުނިޔޭގެ އެންމެ އިރުން، އިންޑޮނޭޝިއާއާއި އޮސްޓްރޭލިއާގައި ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައި ވާއިރު، އެމެރިކާގައިވެސް މި ވޭރިއަންޓާ ގުޅޭ ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

ކަން މިހެން އޮތްއިރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ، ކޮވިޑްގެ 3 ވަނަ ރާޅެއްވެސް އިންޑިއާއަށް ބިންދާލަފާނެ ކަމުގެ އިންޒާރު ދީފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން 220 ގައުމަކާއި ސަރަހައްދަކުން ކޮވިޑްގެ ކޭސްތައް ރިޕޯޓް ކޮށް އަދި މިހާރުވެސް ގިނަ ހިސާބުތަކަކުން ކެނޑިނޭޅި އާ ކޭސްތައް ރިޕޯޓް ކުރަމުން ދާއިރު، މިހާތަނަށް ރެކޯޑް ކޮށްފައިވާ ކޮވިޑްގެ ޖުމުލަ ކޭސް ނަންބަރު، 185906963 އަށް ވަނީ އަރާފައެވެ.