ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް، ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި ހުންވަނިކޮށް، އަވަހާރަކޮށްލައިފިއެވެ.

ހައިޓީގެ ވަގުތީ ބޮޑުވަޒީރު ކްލޯޑް ޔޯސެފް ވިދާޅުވީ، ރައީސް އަވަހާރަކޮށްލާފައި ވަނީ، ރައީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް ދިން ހަމަލާއެއްގައި ކަމަށެވެ.

މި ހަމަލާގައި، ހައިޓީގެ ފަސްޓް ލޭޑީ މާރްތީން މޮއީސްވެސް ޒަހަމްވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ވަގުތީ ބޮޑުވަޒީރު ވިދާޅުވީ، އާންމު އުސޫލުން ގައުމުގެ ހިންގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާފައި ވާ ކަމަށެވެ. ރައީސް އަވަހާރަކޮށްލާފައި ވަނީ، ދަށު ދަރަޖައިގެ ލާއިންސާނީ ހަމަލާއެއްގައި ކަން ސިފަކުރައްވަމުން ވަގުތީ ބޮޑުވަޒީރު ވަނީ، އާންމު ރައްޔިތުން ވީހާވެސް ބޮޑަކަށް ހަމަޖެހުން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.

އުމުރުފުޅުން 53 އަހަރު އަވަހާރަ ކޮށްލި ހޮވެނިއެލް މޮއީސް، ހައިޓީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ހޮވެނިއެލް މޮއީސްގެ ވެރިކަމަކީ ހައިޓީ ދުށް ހަލަބޮލި ދުވަސްތަކެކެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭނަގެ ސަރުކާރަށް އަމާޒުވެފައި ވާ އިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކަކީ އާންމު މުޒާހަރާތަކަކަށް އޮތީ ވެފައެވެ.

ހޮވެނިއެލް މޮއީސްގެ އިސްތިއުފާއަށް ބަޔަކު ވަނީ ގޮވާފައެވެ. ހޮވެނިއެލް މޮއީސްގެ 5 އަހަރު ދުވަހުގެ ވެރިކަމުގެ ދައުރު، ފެބުރުއަރީ 7، 2021 ގައި ހަމަ ވީ ނަމަވެސް، ވެރިކަމުން ފައިބާވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތީ 1 އަހަރު ފަހުން، ފެބުރުއަރީ 7، 2017 ގައި ކަމަށް ވުމާއެކު، 5 އަހަރު ހަމަވާނެ ކަމަށް ހޮވެނިއެލް މޮއީސް ވިދާޅުވަނީ އަންނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހަށެވެ.