ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ނިންމާފައިވާ އިރު، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ޓިއުޝަން އަދި ޤުރުއާން ކްލާސްތައް ހިންގުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަން 'ދަ ޕްރެސް' އަށް ކަށަވަރު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިއުޝަން ސެންޓަރުތަކާއި އަދި ޤުރުއާން ކްލާސްތައް ހިނަގުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލުގެ މަތިންނެވެ.

މިދިޔަ އަހަރު ފަހު ކޮޅު މިފަދަ ކްލާސްތައް ހިންގުމަށް ދީފައިވާ ލުއިތައް ވަނީ ކޭސް އިތުރުވާން ފެށުމާއެކު ބާތިލް ކޮށްފައެވެ. އަދި މިއަހަރު ފެށުނު އިރު ކޭސްތައް މަދުވެ އޮންލައިންކޮށް ސްކޫލްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ދާ ގޮތަށް ނިންމި ނަމަވެސް ފަހުން ކޮވިޑް ކޭސްތައް މަތިވަމުން އައުމުން ވަނީ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ނިންމާފައެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރު މިދިޔަ ޖޫން މަގު ފަހު ކޮޅު ނިންމާލި އިރު ވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މިއަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

ކޭސްތައް މަދުވެ ހާލަތު ރަނގަޅު ނަމަ އޮގަސްޓް މަހުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދިއުމުގެ ލުއި ދިނުން ގާތެވެ.