ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް މި އަހަރު ފަށަން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން ދާ ކަމަށް ބުނެފިއެވެ.

އެ އޮފީހުން ބުނީ، ވޭތުވެދިޔަ ދެތިން އަހަރު ކައުންސިލްތައް އޮޑިޓް ކޮށްފައި ވަނީ އަމިއްލަ އޮޑިޓް ފާމުތަކާ ހަވާލު ކޮށްގެން ކަމަށާއި އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން މިއަހަރު އެ މަސައްކަތް އަލުން ފަށަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. ނަމަވެސް ހުރިހާ ކައުންސިލެއް އޮޑިޓް ކުރެވޭ ވަރަށް އޮޑިޓް އޮފީހުގައި މި ވަގުތު ވަސީލަތްތައް ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެގޮތުން އެ މަސައްކަތް ކުރަން ނިންމާފައި ވަނީ އާންމުކޮށް އިއުލާން ކޮށްގެން ކުރިމަތިލާ އޮޑިޓް ފާމަކާ ހަވާލު ގޮތަށެވެ.

މިދިޔަ އަހަރު ވެސް ކައުންސިލްތައް އޮޑިޓް ކުރަން ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ގިނަ ރަށްތަކެއް ލޮކްޑައުން ކުރުމުން އެ އެއްބަސްވުން ވަނީ ބާތިލު ކޮށްފައެވެ. ކައުންސިލްތައް އޮޑިޓް ކުރަން މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ވެސް އޮޑިޓް ފާމެއް ހޯދަން މަސައްކަތް ކުރިއެވެ. ފަހުން މަސައްކަތް މަޑުޖައްސާލީ ވެސް ކޮވިޑްގެ ހާލަތު ގޯސް ވެގެން ދިއުމުންނެވެ.

އޮޑިޓް އޮފީހުން ކަނޑައަޅާ އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަނީ 129 ލޯކަލް ކައުންސިލެކެވެ. ބާކީ ހުރި ކައުންސިލްތައް އޮޑިޓް ކުރަނީ އޮޑިޓް އޮފީހުންނެވެ. އެ އޮފީހުން އޮޑިޓް ކުރާ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ދެކުނުގައި ގާއިމު ކޮށްފައިވާ އޮޑިޓް އޮފީހުން އޮޑިޓް ކުރާ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާއި މާލެ އާއި ކައިރީގައިވާ ރަށްތަކުގެ ކައުންސިލް ތަކެވެ.