ޅ. މާފިލާފުށީގައި ސިފައިން ކުރިއަށް ގެންދާ ތަމްރީނުތަކެއްގައި ވައިގެ ތެރެއަށް ބަޑިޖަހަން ނިންމައިފިއެވެ. މި މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ ތަމްރީންތަކުގައި ބަޑިޖަހާނެތީ އެ ސަރަހައްދުން ކަނަޑު ދަތުރުކުރާ ފަރާތްތައް ސަމާލުވާން ވެސް ވަނީ އަންގައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސުން ބުނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) އިން ކުރިއަށް ގެންދާ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނައިޓް ޓްރޭނިން ތަމްރީނުތަކެއް މި މަހުގެ 15 އިން 17 އަށް، ކޮންމެ ދުވަހަކު އިރުއޮއްސި 6 އިން ހެނދުނު 6 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ގޮތުގެ ތަފްސީލް ހާމަ ކުރަމުން ޑިފެންސުން ބުނީ، ތަމްރީނުގައި ބޭނުން ކުރާނީ މިނީ ފްލޭއާ އާއި ޕެރަޝޫޓް ފްލޭއާ ކަމަށެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ދުރުމިނަކީ 200 މީޓަރަށް ކަަމަށާއި އުސްމިނަކީ 200 މީޓަރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރިމިނަކީ ސީ ލެވެލް ކަމަށާއި އަދި ވަޒަން ޖަހާނީ ޅ. މާފިލާފުއްޓާއި ދިމާ މައްޗަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެހެން ކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނު ތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.