މި އަހަރު ކުރީ ކޮޅު ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރު ކުރަން އުޅުނު މައްސަލައެއްގައި ދެމީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މި މައްސަލައިގައި ދައުވާ ކޮށްދިއނުމަށް އެދި ކްރިމިނަކް ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ދެމީހަހެއްގެ މައްޗަށް ދަުއވާ ކުރަން ނިންމާފައިވާ އިރު އެ ދެމީހުންނަކީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަހްމަދު މުހައްމަދެވެ. މި ދެމީހުންގެ މައްޗަށް ވަނީ 3 ދައުވާއެއް ކުރަން ޕީޖީން ފޮނުވާފައެވެ.

އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުން.
  • އޮޅުވާލުމުގެ އަމަލެއް ކުރުން.
  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން.

ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އޭވިއޭޝަން ސެކިއުރިޓީގެ ކާގޯ ސްކްރީނިން ޔުނިޓުން ހިފަހައްޓަާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މިޔަރު އުރަހަތައް ހުރީ ލޮނުމަހުގެ ތެރޭގައި ފޮރުވާފައި ކަމަށް އޭވިއޭޝަން ސެކިއުރިޓީން ބުނެފައި ވެއެވެ. އަތަކެތި ހިފެހެއްޓި ނަމަވެސް ހިފެހެއްޓީ ކިހާ އަދަދެއްގެ މިޔަރު އުރަހަ ކަމެެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެގޮތުން މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް މިޔަރު ހިފާ އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަމުންދާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.