ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތް ޖަހަން ކޯޓަށް ގެންދިއުމުން އިއްޔެ ވަނީ 7 ދުވަހުގެ މުއްދަތެއް ޖާހާފައި ކަމަށް 'ދަ ޕްރެސް' އަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިންޑިއާ ހައިކޮމިޝަން އަދި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި ކަަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާ އަދި މި ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުންނަށް އަނިޔާވެރި ވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެކެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އެދިފައި ވެއެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ މީހަކު ޓްވީޓް ކުރި މައްސަލައެއް ފެންމަތިވެފަިއ ވާ އިރު މީގެ ކުރިން މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ކުރި ކޮމެންޓަކަށް ގުޅިގެން ވެސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.