ގައުމީ ޔުނިވާސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަކި ކުރި މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅުއްވައިފިއެވެ.
އެމްއެންޔޫ އިން ވަނީ މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު އިޔާޒަށް އިންޒާރު ދީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ 14 ދުވަހަށެވެ. ސަސްޕެންޑް ކުރި މައްސަލަ އިޔާޒް އޭރު ޓްރައިބިއުނަލަށް ހުށަހަޅުއްވާފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އިޔާޒް ވަނީ އެމްއެންޔޫގެ ވަޒީފާއިން ވަކި ކޮށްފައެވެ.
އިޔާޒް ވިދާޅުވީ، ވަޒީފާއިން ވަކި ކުރި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅުއްވާފައިވާ ކަަމަށާއި މިހާރު އޭނާގެ ވަކީލުން ދަނީ ބައެއް ލިޔެކިޔުންތަކާ ގުޅޭ މަސައްކަތް ކުރަމުން ކަމަށެވެ. މި މައްސަލައިގެ އިތުރުން މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑް ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިޔާޒް ވަޒީފާއިން ވަކިކުރީ، އޭނާ އަށް ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވާ ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ ސަބަބުން ކަމަށް އެމްއެނޔޫއިން ބުނެފައި ވެއެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ވެސް އެމްއެންޔޫ އިން ބުނެފައި ވެއެވެ.
ދާދި ފަހުން ސޯޝަލް މިޑިއާގައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުން ހިޔާލު ފާޅުކޮށްފައެވެ. އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އިޔާޒު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.
އިޔާޒު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެއްގެ ގޮތުގައެވެ. އިޔާޒު ވަޒީފާއިން ވަކި ކުރުމުގެ ކުރިން ވެސް ވަނީ ސަސްޕެންޑް ކޮށް އަދި އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރު ދީފައެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ވަނީ ދޮގު ކުރައްވައެވެ.
الحمدالله