ރާއްޖޭގައި ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ވެކްސިން ޖަހައިދެމުން ދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ވެކްސިން ސެންޓަރު ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުމަށް ހުޅުވާލައިފިއެވެ.

ވެލާނާ އެއާޕޯޓް ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓް ކޮމްޕްެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިއަދު އެ ވެކްސިން ސެންޓަރު ހުޅުވާލާފައި ވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ރަސްމީ ދުވަސްދުވަހު އެ ސެންޓަރުން ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެގޮތުން ވެކްސިން ޖަހައިދިނުމަށް އެ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ. މީގެ އިތުރުން އެ ސެންޓަރުން ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ އެއާޕޯޓްގެ ފާސް އޮންނަ މީހުންނަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެ އެޖެންސީން ގުޅައިގެން އެޕޮއިންޓްމަންޓް ހަމަޖައްސަމުން ގެންދާނެ ކަމަށެވެ. އެ ގޮތުން މި ދިޔަ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ތަރުތީބުން އިސްކަންދީގެން ގުޅަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ރާއްޖޭގައި ހުއްޓާލާފައި ވަނީ ކުރިން ގެނައި ވެކްސިންގެ ސްޓޮކް ހުސްވާން ގާތްވުމުންނެވެ. އެއަށްފަހު ސްޓޮކްގައި ބާކީ ހުރި ވެކްސިންތައް އައީ ބަލި ހަލާތުގެ ސަބަބުން އެނދުމަތިކޮށްފައި ތިބި މީހުންނަށާއި ސިއްހީ އެހީތެރިންނަށް އިސްކަން ދީގެން ޖަހައިދެމުންނެވެ.

ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ގެނެސްފައި ވަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޯޒް އެވެ. އެއަށްފަހު ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޯޒް ގެނެސްފައި ވާއިރު އިތުރު 1 ލައްކަ ޑޯޒް ސަރުކާރުން ވަނީ ގަނެގެން ރާއްޖެއަށް ގެނެސްފައެވެ. ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވި އިރު އެ ވެކްސިން ނުލިބި ގިނަ ދުވަސްވެފައި ވަނީ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެންނެވެ.

ކޮވިޝީލްޑެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައި ވުމާއެކު އެ ގޮތަށް އަމަލު ކުރަން އެޗްޕީއޭއިން ވެސް ވަނީ ނިންމާފައެވެ.