ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލައިގައި އިންޑިއާ ހައިކޮމިޝަން އަދި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި ކަަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާ އަދި މި ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުންނަށް އަނިޔާވެރި ވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ދިވެހިރާއްޖޭގައި ގާއިމް ކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ރާއްޖޭއާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުން ދިއުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. ފުލުހުން ބައެއް އޮންލައިންތަކޭ ބުނި އިރު އެއީ ކޮންކޮން އޮންލައިންތަކެއް ކަމެއް ނުބުނެއެވެ.

އަދި މިފަދަ ކަންކަމަކީ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަތް ކުރާ މީހުން ނުރައްކަލަކަށް ހުށަހެޅި ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށް ވެސް ފުލުހުން ފާހަަގަކޮށްފައި ވެއެވެ. އެހެންކަމުން މައުލޫމާތު ފެތުރުމުގައި މިހާރަށް ވުރެ ޒިންމާ ދާރުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެއެވެ.

އަދި ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އެދިފައި ވެއެވެ.