މުސްލިމުންގެ ގިބްލަ ކަމުގައި ވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ، އުފުލައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން، ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މި ހިނގާ 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް، ގެފުޅުގެ ކިސްވާ އުފުލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މުޅިން ނިންމާލީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

1442 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ގެފުޅުގެ ކިސްވާ އުފުލުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ޓްވިޓާ

ކަޢުބާގެ އުރަކޮޅު، 3 މީޓަރެއްހާ އުސްމިނަށް އުފަލައެވެ. މި ގޮތަށް އުފުލާފައި ހުންނަ ބައި ނިވާ ކުރަނީ، ސާފު ހުދު ކޮޓަން ފޮތިންނެވެ. ގެފުޅުގެ ހަތަރު ފަރާތުން 2 މީޓަރެއްހާ އުސްމިނަށް ހުދުފޮތި އަޅުވައެވެ.

1442 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ގެފުޅުގެ ކިސްވާ އުފުލުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ޓްވިޓާ

މި ގޮތަށް މި ކަން ކުރަނީ، ހައްޖުގެ އަޅުކަމަށް ގެފުޅަށް ޒިޔާރަތް ކުރާ ފަރާތްތަކުން ކިސްވާގައި އަތްލާ ހެދުމުގެ ސަބަބުން، އެ އުރަކޮޅަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށެވެ. އަދި އިހުގައި މިކަން ކޮށް އުޅުނީ، ކިސްވާ ރައްކާތެރި ކުރުމުގެ އިތުރުން، ހައްޖު މޫސުމުގެ ފެށުން އަންނަކަން އިއުލާން ކުރުމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ގެފުޅުގެ އުރަކޮޅު ފަރުމާ ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ / ފޮޓޯ: ޓްވިޓާ

މުސްލިމުންގެ މުޤައްދަސް 2 މިސްކިތުގެ އިދާރީ ބެލެހެއްޓުންތެރި އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މިފަހަރު ކިސްވާ އުފުލުމުގެ މަސައްކަތުގައި، ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޮ ކައުބާ ކަވާގައި މަސައްކަތް ކުރާ، ހާއްސަ ފެހުންތެރިންގެ 37 މީހަކު ބައިވެރިވިއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން