މާލޭގައި މާރާމާރީއެއް ހިންގާ، ބިދޭސީއަކު ޒަހަމް ކޮށްލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ އަސަރީ ގޯޅީގައި ދެމީހުންގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަނިޔާވެފައި ވަނީ ބިދޭސީއަކަށް ކަމަށާއި އެމީހާ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ސީރިއަސް އަނިޔާ ވެފައި ނުވާ ކަމަށެވެ.

އެމައްސަލަ އާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައިވެސް ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު ބިދޭސީން އެކަކު އަނެކަކަށް ހަމަލާ ދީ މަރާލާފައިވެސް އެބަހުއްޓެވެ.