މި އަހަރުގެ މިހާތަނަށް 508،691 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 508،691 އެވެ. މިދިޔަ އަހަރު މުޅިއެކު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އަށް ވީ އިރު މި އަހަރުގެ ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެ އަދަދު މުގުރާލަން މިވަނީ ގާތްވެފައެވެ. އެގޮތުން މި އަދަދު މުގުރާލަން ބަކީ ދެން ބޭނުން ވާނީ 46،803 ފަތުރުވެރިން ނެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އިގްތިސޯދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ފަށާ ޓޫރިޒަމަށް ބަންދު ކުރި ދޮރުތައް މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުހުޅުވާލައި، ސަރުކާރުން އަންނަނީ ގިނަ ކެމްޕޭންތަކެއް ކުރަމުންނެވެ. މި ކެމްޕޭންތައް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މި ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައެވެ. ރާއްޖޭގެ ޓުރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ.

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 508،691 އަށް އަރާފއިވާ އިރު، މި މަހުގެ އިއްޔެގެ ނިޔަލަށް ވަނީ 54،308 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތާ އަޅާބަލާ އިރު، 50 ޕަސެންޓްގެ ދަށްވުމެކެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 108،709 އެވެ.

މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ، އަދި ތިންވަނައިގައި އޮތީ ޖަރުމަނެވެ.