ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް މާދަމާއިން ފެށިގެން ދޭން ނިންމާފައިވާއިރު ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގައި ގައިދުރުކަމާ އެކު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މާދަމާއިން ފެށިގެން ދޭން ފަށާ މި ލުއިތަކާ ގުޅިގެން މިސްކިތްތައް ހުޅުވާލައި ގައިދުރު ކަމާއެކު ނަމާދު ކުރަން ދިން ލުއިތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތްތަކަށް ނަމާދު ކުރަން ދާ ފަރާތްތައް ސަމާލުކަން ދޭން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ ގޮތުން ނަމާދު ކުރަން ދާ އިރު އަމިއްލަ މުސައްލަ ގެންދިއުމާއި، މާސްކް އެޅުމަށާއި ޖަމާއަތގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ސަމާލުކަން ދީގެން ސަފުތައް ހެދުމަށް ސަމާލު ވުމަށް އެ މިނިސްޓްރީން ބުނެއެވެ.

މާދަމާއިން ފޭށިގެން ލުއިތައް ދޭން ނިންމާފައި ވަނީ ކޮވިޑް ހާލަތު ވަރަށް ބޮޑުތައް ރަނގަޅުވެފައި ވުމުންނެވެ. މިހާރު ކޮވިޑް ޕޮޒިޓިވްވާ އަދަދު ރިޕޯޓު ކުރަމުން އަންނަނީ 100 އާއި 200 އާ ދެމެދުންނެވެ. އިއްޔެ މާލެ ސަރަހައްދުން 43 މީހަކާ އެކު ޖުމްލަ 178 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް ކޭސްތައް މިދިޔަ މެއި މަހު އިތުރުވުމާ އެކު މިސްކިތްތައް ބަންދުކޮށްފައި ވަނީ އެ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ހާލަތުގައި ވެސް ބައެއް އާއިލާތަކަށް ގޭގައި ޖާގައިގެ ދަތިކަން ހުރުމުން ނަމާދު ކުރުމަށް ދަތިތައް ހުރި ފަރާތްތަކަށް މިސްކިތަށް ދެވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ.