ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފަހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަ މީހުން ކަމަށެވެ.
ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
އެ ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.