ހދ.ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކުޅުދުއްފުށީ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އެއީ ކުޅުދުއްފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ އެންމެން އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން މާސްކު އެޅުމާ، ގިނަގިނައިން އަތް ދޮވުން އަދި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ކޭސްތަކާ ގުޅިގެން އެ މުއްދަތު ރޭންޑަމް ސާމްޕަލުގެ ގޮތުން 1200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ.

މި ވަގުތު ކުޅުދުއްފުށީގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ފަސް މީހަކު އެބަ ތިއްބެއެވެ.

ރާއްޖޭގެ އެކިި ކަންކޮޅުތަކުގައި މިވަގުތު 40 އަށް ވުރެ ގިނަ ރަށް މޮނިޓަރިންގައި އެބައޮތެވެ.