ކޮހުންގެ ސަހަރަށް ކަރުކުރު ފޭބުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގެ ފާޑުކިޔުން ފޮރިން ސާވިސް ބިލަށް އަމާޒު ކުރައްވައިފިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސިވިލް ސާވިސް އާއި ވަކިން ފޮރިން ސާވިސް އުފެއްދުމަކީ ހަރަދު އިންތިހާއަށް ބޮޑުވެ ބޮސްސުންލާނެ ކަމެއް ކަމުގައެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން، ސިވިލް ސާވިސް އިން ވަކިކޮށްް، ހާރިޖީ ހިދުމަތަކީ ވަކި ދާއިރާއަކަށް ހަދަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލާ ގުޅިގެންނެވެ.
އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވާން ޕްރޮފެޝަނަލް ފޮރިން ސާވިސް އެއް ގާއިމު ކުރުމާއި ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރުން އިތުރުކުރުމާ އެކު ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަން ރައީސަށް އެހީތެރިވުމަކީ ވެސް ބިލުގައިވާ ގޮތުން ފޮރިން ސާވިސްގެ މަގުސަދެކެވެ.
ބިލުގެ އެހެން މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހުނަރުވެރި އިލްމީ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެއް ގާއިމްކުރުން ހިމެނެއެވެ. ފޮރިން ސާވިސް އަށް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ބަޔާން ކުރުމަކީ ވެސް މަގުސަދެކެވެ.
އިތުރަށް އާދަމް ޝަރީފް އުމަރު ވިދާޅުވީ މީގެ ސަބަބުން ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މުޅި ހާރިޖިއްޔާއަށް މީގެ އަސަރު ކުރާނެ ކަމަށާއި ފޮރިންސާވިސް ވާނީ ކުޑަ ސަރުކާރަކަށް ކަމަށެވެ.
100% ތެދު ފުޅެއް...