ޓައިވާނަށް ދަތުރު ކުރަމުން ދިޔަ ހޮންކޮންގެ އާގުބޯޓެއްގައި ހުރީ ފަޅުވެރިއަކު ހާލު ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ސ. ފޭދޫއަށް ގެންގޮސްފިއެވެ.

އެ ބޯޓަކީ އެމެރިކާ އިން ފުރައިގެން ވިއެޓްނާމަށް ދަތުރުކުރަމުންދާ ހޮންކޮންގެ "އެމް.ޓީ - ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓެއް ކަމަށް އެމްޑީއެފުން ބުނެއެވެ. އެ ބޯޓުގައި ހުރި ފަޅުވެރިއަކު ހާލުބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ އެހީތެރިކަން ފޯރުކޮސްދީފައިވާ ކަަމަށެވެ. އެ ގޮތުން ހާލު ބޮޑުވި ފަޅުވެރިއާ މިއަދު 11:27 ހާއިރު އައްޑޫ ސިޓީގެ ފޭދޫއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 9:58 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ. ގަމުގެ އިރުން 8 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފައި ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ހާލުބޮޑުވެގެން ގެންދިޔަ ފަޅުވެރިއަކީ އުމުރުން 27 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.