ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީ އިން ވަކިވެވަޑައިގަތުމުން އެ ކޮމިޓީގައި އަނެއްކާވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމަނައިފިއެވެ.

2021 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 16 ވަނަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީ އަށް އިންތި އައްޔަނު ކުރެއްވިކަން އިއުލާންް ކުރައްވާފައެވެ.

އީވާ ވިދާޅުވެފައިވަނީ މި ކޮމިޓީއަށް އިންތި އައްޔަނު ކުރެއްވީ އެ ކޮމިޓީގައި މީގެ ކުރިން އިންނެވި އިލްޔާސް ލަބީބް މިދިޔަ ބުރާސްފަތި ދުވަހު ވަކިވެވަޑައިގެންނެވުމުން ކަމަށެވެ.

241 ކޮމިޓީން މެންބަރު ލަބީބްއާ ސުވާލުކުރަން ބޭއްވި ބައްދަލުވުމުގައި ވެސް އިމްތިޔާޒު ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް އިންތި ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން އެ އިންކުއަރީއަށް ހުރަސްއަޅާކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އިންތި ހާމަކުރައްވާފައިވެއެވެ. ނަމަވެސް މި ތުހުމަތުތައް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ދޮގުކުރައްވާފައެވެ.